Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އޭސީސީ އަށް 2 ނާޝިދު އައްޔަންކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް އަހުމަދު ނާޝިދާއި ޢަބްދުﷲ ނާޝިދު މިއަދު އައްޔަންކޮށްފި އެވެ.

‎އަހުމަދު ނާޝިދަކީ ކުރިން ޕޮލިސް ބޯޑްގެ މެންބަރުކަމާއި، އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

‎ނާ، ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަ އޮފް އެޑިއުކޭޝަން ސްކޫލް މެނޭޖްމަންޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ އަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

‎އޭސީސގެ މެންބަރު ކަމަށް އެ ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރެއްވި އެވެ.

‎އެ ރަސްމިއްޔާތުގައި ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އޭސީސީ އަށް މިއަދު އައްޔަންކުރި ދެ މެންބަރުންނަކީ މި މަހުގެ 20 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރުހުން ދި ދެ ބޭފުޅުންނެވެ. އޭސީސީ އަށް އާ ދެ މެންބަރަކު އައްޔަންކުރީ މިދިޔަ ނޮވެމްބަރު މަހު ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވި، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރުމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.