Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރާކަށް ނޫޅެން

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ނުދާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހީނާ ވިދާޅުވި އެވެ.

"ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު. މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން،" ހީނާ ވިދާޅުވި އެވެ.

"ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާއެއްގައި ކަމަށެވެ. މި ބިލުގެ މައިގަނޑު އެއް ބޭނުމަކީ އިންޓަނެޓާއި ސޯޝަލް މީޑިއާ އަދި ނޫސްވެރިކަން އެއް ފުރާޅެއްގެ ދަށުން ރެގިއުލޭޓްކުރުން ކަމަށާއި ބިލު ފަރުމާކުރާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކަށް ވެސް ބަލައިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.