Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރާއްޖެއާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރަން ތައްޔާރު

ރާއްޖެއާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރަން ތައްޔާރު ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭން އިންޑިއާއާ އޮންނަ ގުޅުން އަބަދުވެސް ބަލައިގަންނަ ކަމަށާއި އެ ގުޅުމުގެ އަގު ރާއްޖޭން ވަޒަން ކުރާ ކަމަށެވެ. އަދި ދެ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އިތުރަށް ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ދެ ގައުމުގެ ޒަމާންވީ ގުޅުމާއި ގުޅޭގޮތުން ރައީސް ގެންގުޅުއްވާ ހިޔާލުފުޅަށް ތާއީދުކުރައްވާ ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރަން އިންޑިއާ ތައްޔާރަށް އޮތް ކަމަށެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވި އެވެ. އެއީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ލޯނެއްގެ ތެރެއިން 100 މިލިއަން ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.

މީގެއިތުރުން މިދިޔަ އޮކްޓޫބަރު މަހު ތެރޭ ރައީސް މުއިއްޒު ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.