Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

ޝިވާންގީ އާއި ހަރްޝަދު އަލަށް ސިލްސިލާއަކަށް

އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ޝިވާންގީ ޖޯޝީ އާއި ހަރްޝަދު ޗޯޕްޅާ ފުރަތަމަ ފަހަރަށް އެކީގައި ސިލްސިލާއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން މިއަދު ބުނީ ސޮނީ ޓީވީން ގެނެސްދޭން ހަމަޖެހިފައިވާ މި ސިލްސިލާ އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުވި އެތައް ސިލްސިލާއެއް ގެނެސްދީފައިވާ އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ އެއްޗެއް ކަމަށެވެ. ނަމަވެސް އާ ސިލްސިލާގެ ނަމާއި މީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް މީޑިއާތަކުން ބުނީ މާ ލަސްތަކެއް ނުވެ، އެ ސިލްސިލާ ރަސްމީކޮށް އިއުލާންކޮށް ޕްރޮމޯ ވެސް އާންމުކުރާނެ ކަމަށެވެ.

ޝިވާންގީ އާއި ހަރްޝަދު މިހާތަނަށް އެކީގައި އެއްވެސް މަސައްކަތްކޮށްފައި ނުވާތީ މި ޖޯޑު އެކީގައި ސްކްރީނުން ދެކިލުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސީރީޒްގެ މުހިއްމު ރޯލަކުން ނިތިން ބާޓިއާ ވެސް ފެންނާނެ އެވެ.

ޝިވާންގީ އާއި ހަރްޝަދު ސިލްސިލާއަކަށް ތައްޔާރުވާ އިރު، އެ ދެ ތަރިންނަކީ ވެސް ކުރިން ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ކިޔާ ކެހެލާ ތާ ހޭ" އިން ފެނިފައިވާ ދެ ތަރިންކަމެވެ. އެކަމަކު އެއީ މުޅިން ތަފާތު ދެ ދުުވަސްވަރެއްގެ އެވެ. އެ ސިލްސިލާގައި ޝިވާންގީ މަސައްކަތް ކުރީ 2016-2012 އަށެވެ. އަދި އޭނަ އެންމެ ފަހުން ފެނިފައި ވަނީ އެކްތާ ޕްރޮޑިއުސްކޮށް 2023-2024 އަށް ސޮނީ ޓީވީން ގެނެސްދިން "ބަރްސާތޭ: މޯސަން ޕިޔާރު ކާ" އިންނެވެ. އޭގެ ބަތަލަކީ މިހާރު ޝިވާންގީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުޝާލް ޓަންޑަނެވެ.

"ޔޭ ކިޔާ ކެހެލާ ތާ ހޭ" ގައ ހަރްޝަދު މަސައްކަތްކުރީ 2021-2023 އަށެވެ.