ސަރުކާރުން އުޅެނީ މީޑިއާތަކުގައި މަލަން އަޅަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.
ޔާމީން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ނާޒިމްގެ މި ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ހީނާ ވިދާޅުވި އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މިނިވަންކަމާއެކު މީޑިއާ ހުޅުވާލާފައި ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ކެތެއް ނުވާނެ ކަމަށާއި މީޑިއާތަކުގައި މަލަން އަޅަން އުޅެނީ އެހެންވެގެން ކަމަށެވެ.
އަދި މިފަދަ ގާނޫނުތައް ހެދިޔަސް އަދަބު ލިބުނަސް ވަރިހަމަ ކަމަށް ވާހަކަ ދައްކާނެ މީހުން ތިބޭނެ ކަމަށާއި މިއީ މީހުންނަށް ލިބިދޭ އަސާސީ ހައްގެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އަސާސީން އެކަމެއް އަޅުގަނޑުމެންނަށް މަނައެއް ނުކުރޭ އިނގޭތޯ. ރާއްޖެ ދާން މި އުޅެނީ ތޯލިބާނުންގެ ޒަމާނަށްތޯ،" ޔާމީން ވިދާޅުވި އެވެ.
ނާޒިމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މީޑީއާ ރެގިއުލޭޓް ކުރުމާ ބެހޭގޮތުން އޭނާ ދެއްކި ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ހަގީގީ މަހްފޫމް، އޮޅުން އަރާ ފަދަ ގޮތަކަށް ކަމަށާއި އޭނާ މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާނެ އަދި އެފަދަ ކަމަކަށް ދުވަހަކު ވެސް ތާއިދުކުރާނެ މީހެއް ނޫން ކަމަށެވެ.
ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓްކުރަން ދެ މުއައްސަސާއެއް އޮތް ނަމަވެސް އެ ދެ މުއައްސަސާ ވެސް ރަނގަޅަށް މަސައްކަތްނުކުރާކަން މީޑިއާތަކުން ވެސް ގަބޫލުކުރާނެ ކަމަށާއި މި ދެ މުއައްސަސާ އަށް މިދިޔަ އަހަރު ވެސް ދައުލަތުގެ ބަޖެޓުން 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަގްސަދަކީ މިފަދަ ދޯހަޅި ގޮތްގޮތަކަށް ހުރި މުއައްސަސާތައް ރިފޯމްކުރުމެވެ،" ނާޒިމްގެ ބަޔާނުގައިވެ އެވެ.