އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
މި މޮޅާއެކު ޔުނައިޓެޑް އޮތީ 23 މެޗުން 29 ޕޮއިންޓު ހޯދައިގެން ލީގުގެ 12 ވަނައިގަ އެވެ. ފުލަމް އޮތީ 23 މެޗުން ލިބުނު 33 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޔުނައިޓެޑަށް މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިސަންޑްރޯ މާޓިނޭޒް އެވެ. ފުއޭރިއާގެ ބޭރުގައި ހުރެ މާޓިނޭޒް ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ފުލަމްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ފުލަމް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެޓީމުގެ އެންޑަސަން ބޮލުން ފޮނުވާލި ހަމަލާ ގޯލަށް ވަންނަން ދަނިކޮށް ހުރަސް ރޮގުމަތިން ދިފާއުކުރީ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ކޮލްޔާ އެވެ.
ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީން ވަނީ 2-1 އިން ޓޮޓެންހަމް ބަލިކޮށް، ރެލިގޭޝަން ޒޯނުން އަރައިގެންފަ އެވެ. އެސްޓަންވިލާއާ ވެސްޓްހަމް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ބްރެންޓްފޯޑުން ވަނީ 2-1 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފަ އެވެ.