Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޑެމްސްއިން ވަގު ފޯމު ހުށައެއްނާޅާނެ، ސާފުވާނެ

ދަ ޑިމޮކްރެޓްސް އަކީ އެއްވެސް މިންވަރަކަށް ވަގު ފޯމު ހުށަހަޅައިގެން މިހާތަނަށް އަދި ކުރިއަށް އޮތް ތަނުގައި ވެސް މީހުން ވައްދާނެ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ އައު ރައީސް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ވާހަކަދައްކަމުން އިންތި ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން މެމްބަރުން އިތުރުކުރަމުން ދިޔައިރު ވެސް އެންމެ ބޮޑަށް ސަމާލުކަން ދިން އެއް ކަމަކީ ސައްހަ މެމްބަޝިޕެއް ކަަށަވަރުކުރުން ކަމަށާއި އެގޮތުން އެކަން ކާމިޔާބު ކުރެވުނު ކަމަށެވެ. އަދި މިއަދާ ހަމައަށް ވަގަށް ޑިމޮކްރެޓްސް އަށް ވައްދައިގެން އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނުވުމަކީ އެ ޕާޓީއާ މެދު ފަހުރުވެރިވާ ކަމެއް ކަމަށްވެސް އިންތި ވިދާޅުވި އެވެ.

"ތަޣައްޔަރު ވެފައި އޮތް ސިޔާސީ ކްލައިމެޓެއްގައި މިވަގުތުގައި އެންމެ ބޮޑަށް ބޭނުންވަނީ ހަމަ ހަގީގަތުގައި ވެސް ބޭނުންވާނީ މީހުން އިތުބާރުކުރާ ސާފު ޕާޓީއެއް. އެ ސާފު ޕާޓީއަށް ނޫނިއްޔާ މި ރާއްޖޭގައި ތަޣައްޔަރުވެފައިވާ ސިޔާސީ ކްލައިމެޓް ސާފެއް ވެސް ނުކުރެވޭނެ،" އިންތި ވިދާޅުވި އެވެ.

ޑިމޮކްރެޓްސްއަށް ތާއީދު ހޯދަން ވާނީ އެ ޕާޓީން ހުށަހަޅާ ސިޔާސަތުގެ ތެރެއިން ކަމަށާއި އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަރުދަނާކޮށް ކޮރަޕްޝަން ނައްތައިލުމަށް ކުރާ މަސައްކަތުން ރައްޔިތުންގެ އިތުބާރު ހޯދައިގެން ބޮޑު ޕާޓީއަކަށް ޑިމޮކްރެޓްސް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޖަލްސާގައި ވަނީ ހުސްވެފައިވާ ޑިމޮކްރެޓްސްގެ ނައިބު ރައީސް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވެސް ހޮވައިފަ އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.