Last Updated: July 15, 18:06
Thursday, July 16, 2026
މުނިފޫހިފިލުވުން

އާމިރުގެ "ސިތާރޭ ޒަމީން ޕަރް" ޑިސެމްބަރުގައި

އާމިރު ޚާންގެ އާ ފިލްމު "ސިތާރާ ޒަމީން ޕަރް" މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

ފިލްމު އަހަރުގެ ފަހު މަހަށް ފަސްކުރިކަން އާމިރު އިއުލާންކޮށްފައި މި ވަނީ ވަޑޮޑާރާގައި އިއްޔެ ފޭނުންތަކަކާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުގައި އޭނަ ބުނީ "ސިތާރޭ ޒަމީން ޕަރް" ބެލުންތެރިންނަށް ގެނެސްދޭން މިހާރު ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅު ކަމަށެވެ.

"ފިލްމުގެ ބާކީ ހުރި މަންޒުތަކެއްގެ ޝޫޓިން ވެސް ކުރިއަށް އެބަދޭ." އާމިރު ބުންޏެވެ. "އެހެންވީމަ ކްރިސްމަހާ ދިމާކޮށް ފިލްމު ގެނެސްދޭނަން."

ފިލްމި ޑިސެމްބަރުގައި ގެނެސްދޭން ނިންމިކަން ހާމަކުރުމުގެ ކުރިން އާމިރު ވަނީ މިދިޔަ މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ބޭއްވި ތިން ވަނަ ރެޑް ސީ ފިލްމު ފެސްޓިވަލްގައި "ސިތާރޭ ޒަމީން ޕަރް" މި އަހަރުގެ މެދުތެރޭގައި ރިލީޒްކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމަކީ އެންމެ ފުރަތަމަ މިދިޔަ ޑިސެމްބަރުގައި ގެނެސްދޭ ގޮތަށް އިއުލާންކުރި ފިލްމެއްކަމެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ލާލު ސިންގް ޗައްޑާ" އެވެ.

އޭނަ ޕްރޮޑިއުސްކޮށް ކުޅެ، ގެނެސްދޭ "ސިތާރޭ ޒަމީން ޕަރް" އަކީ ސްޕެއިންގެ 2018 ގެ ފިލްމު "ޗެމްޕިއަންސް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އޭގައި ދައްކުވައި ދިނީ ހާއްސަ އެހީއަށް ބޭނުންވާ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކުރަން ކުރާ މަސައްކަތްތަކެވެ.

ކާސްޓްގައި ޖެނީލިއާ ޑި ސޫޒާ ވެސް ހިމެނޭ "ސިތާރޭ ޒަމީން ޕަރް" ގެ ޑައިރެކްޓަރަކީ 2017 ގެ "ޝުބް މަންގަލް ސާވްދާން" ގެނެސްދިން އާރްއެސް ޕްރަސައްނާ އެވެ.

އާމިރު ޕްރޮޑިއުސްކޮށް މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 7 އަށް ތާވަލުކޮށްފައި އޮތް "ލަވްޔާޕާ" އެވެ. އޭނަގެ "ލާލު ސިންގް ޗައްޑާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަން ހަދާފައިވާ ފިލްމުގެ ތަރިންނަކީ އާމިރުގެ ދަރިފުޅު ޖުނައިދު ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ.