އަނޫރާގް ކޭޝަޕް ޕްރޮޑިއުސްކުރާ ފިލްމަކުން ބަތަލާ ނުޝްރަތު ބަރޫޗާ އަށް ފުރުސަތު ލިބިއްޖެ އެވެ.
މިއަދު އިއުލާންކުރި މި ފިލްމަކީ ނުޝްރަތުގެ ކެރެކްޓާ އަށް ބިނާކޮޑް ހަދާ ތުރިލާއެކެވެ. އަނޫރާގާއި ވިޝާލް ރާނާ ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކީ އަކްޝަތު އަޖޭ ޝަރުމާ އެވެ.
މިއަދު މި ފިލްމު އިއުލާންކުރި ނަމަވެސް މީގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.
ނުޝްރަތު ބުނީ އަނޫރާގް ހިއްސާވާ ފިލްމަކުން ފުރުސަތު ލިބުމުން ވަރަށް އުފާވެފައިވާ ކަމަށާއި މިއީ އޭނަގެ ބަކެޓްލިސްޓްގައި ވެސް ހިމެނޭ ކަމެއް ހާސިލުވުން ކަމަށެވެ.
އުމުރުން މިހާރު 39 އަހަރުގެ ނުޝްރަތަކީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ޕިޔާރު ކާ ޕަންޗްނާމާ" އަދި "ޑްރީމް ގާލް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "އަކޭލީ" އެވެ. ނުޝްރަތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗޯރީ 2" އާއި "ބަން ޓިއްކީ" ހިމެނެ އެވެ.