ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ ޝްރީޖީ. ބާލާސްބްރަމަނިއަމް އާއި ބައްދަލުކުރައްވައިފި އެވެ.
ދަނޑުވެރިކަމުގެ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް، ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.
އެގޮތުން އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަންނީ މާހިރުންގެ އެހީގައި ރާއްޖޭގެ ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ޤައުމުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރާ ޖަމާއަތްތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރެވިދާނެ ވަސީލަތްތައް ގާއިމްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި ފުޑް ސެކިއުރިޓީ އާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
މީގެއިތުރުން މި ބަައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ދިރޭތަކެތީގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާން ކަންކަމާއި ގުޅޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މަތީތައުލީމުގެ ފުރުސަތުތަށް އިތުރުކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
އިންޑިއާ އަކީ ދަނޑުވެރިކަމުގެ ދާއިރާގައި ސަރަހައްދުން އެންމެ ކުރިއަރާފައިވާ ޤައުމެވެ. އަދި ބޭރުން އެތެރެކުރާ ކާބޯތަކެތީގެ ތެރޭގައި އިންޑިއާއިން އުފައްދާ ބާވަތްތައް ގިނަ އެވެ.