މުމްބާއީގެ ތާޖް ހޮޓަލަށް ޓެރަރިސްޓުންގެ ބަޔަކު ދިން ނުރައްކާތެރި އަދި ބިރުވެރި ހާދިސާގެ މައްޗަށް ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ ޑައިރެކްޓްކޮށްފައިވާ "ދި އެޓޭކްސް އޮފް 26/11" ޓްރެއިލާ އާންމުކޮށްފި އެވެ.
ތާޖް ހޮޓަލަށް ހަމަދީ އެތައް ބަޔަކު މަރާލައި، ޒަހަމްކޮށްލި ހާދިސާގެ މައްޗަށް ރާމް ޑައިރެކްޓްކޮށްފައިވާ ފިލްމްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މުޅިން އާ ތަރިންނެވެ. އެހެން ނަމަވެސް ފިލްމްގެ މުހިއްމު ރޯލަކުން ނާނާ ޕަޓޭކަރު ފެނިގެން ދާނެ އެވެ. އޭނާ އަދާކޮށްފައި ވަނީ މި ފިލްމްގައި ސިފައިންގެ މީހެއްގެ ރޯލެވެ.
ފަސްދޮޅަސް ގަޑި އިރަށް ދެމިގެން ދިޔަ ޓެރަރިސްޓް ހަމަލާ މުމްބާއީ އަށް ދީފައި ވަނީ ނޮވެމްބަރު 26، 2008 ވަނަ ދުވަހު އެވެ. ރޭލްވޭ ސްޓޭޝަންތަކަށާއި ލަގްޒަރީ ހޮޓާ އަދި ޔަހޫދީ ސަގާފީ މަރުކަޒުތަކަށް ދިން ހަމަލާގައި 166 މީހުން މަރުވެފައިވެ އެވެ. ހަމަލާ ދިނުމުގައި ބައިވެރިވި ނުވަ މީހުން ވެސް މަރާލާފައިވެ އެވެ.
މި ޓެރަރިސްޓު ހަމަލާތަކުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ އިންޑިއާ ފުލުހުން ހައްޔަރުކޮށްފައިވާ ހަމައެކަނި މީހާ ކަމަށްވާ ޕާކިސްތާނުގެ މުހައްމަދު އަޖްމަލް ކަސަބުގެ މައްޗަށް ނޮވެމްބަރު 21، 2012 ގައި ވަނީ މަރުގެ ހުކުމް ވެސް ތަންފީޒްކޮށްފަ އެވެ.
"ދި އެޓޭކްސް އޮފް 26/11" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މާޗް 1 ގަ އެވެ.