މި އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ ފިލްމު "ސިކަންދަރް" ގެ ކާސްޓްގައި އެކްޓަރު ރާހުލް ރޯއި ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިކަން ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު "ސިކަންދަރް" ގެ ސެޓުން ސަލްމާނާ އެކު ރާހުލް ނަގާފައިވާ ފޮޓޯއެއް އޭނަގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އޭގައިި ފެންނަނީ ދެ ތަރިން ފޮޓޯއަކަށް ޕޯސްކޮށްގެން ތިބޭ ތަނެވެ.
ސަލްމާނާ އެކީ ރާހުލް ކުރިން ވެސް ފިލްމެއް ކުޅެފައިވެ އެވެ. އެއީ 1996 ގެ "މަޖްދާރު" އެވެ. މިހާރު އުމުރުން 58 އަހަރުގެ ރާހުލް އަކީ 1990 ގެ ފިލްމު "އާޝިގީ" އިން ވިދި އެކްޓަރެކެވެ. އެ ފިލްމުން ލިބުނު ބޮޑު މަޝްހޫރުކަމަށް ފަހު، މާ ގިނަ ދުވަސްތަކެއް ނުވެ، ރާހުލްގެ ތަރި ވަނީ އޮއްސިގެން ގޮސްފަ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސިކަންދަރް" އަކީ އޭއާރް މުރްގަދޯސް ލިޔެ، ޑައިރެކްޓްކުރާ އެކްޝަން ފިލްމެކެވެ. މީގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ޕްރަތީކް ބައްބަރް އަދި ސަތިއަރާޖް ހިމެނެ އެވެ.