އިޒްރޭލުން ގާޒާ އަށް ދެމުން އައި ހަމަލާތައް ހުއްޓާލައި ދެ ފަރާތުން މިހާރު އަސީރުން ބަދަލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ އިރު، ގާޒާ އަށް އެތައް ހާސް ބަޔަކު އެނބުރި އަންނަން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާޒާ އަށް އެތެރެވުމުގެ ފުރުސަތު ފަހިކޮށް ދޭން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް އެތައް ހާސް ބަޔަކު އުތުރު ގާޒާ އަށް އެނބުރި ގޮސްފައިވެ އެވެ. ބައެއް މީޑިއާތަކުން އާންމުކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުން ރައްޔިތުން އެ މީހުންގެ އަތުގައި ހުރި މުދާކޮޅު ހިފައިގެން ފައިމަގުގައި ގާޒާ އަށް އެތެރެވަމުން އަންނަ އިރު، ގިނަ ބަޔަކު ތިބީ އެނބުރި އަމިއްލަ ވަޒަނަށް ދެވޭތީ ވަރަށް ބޮޑަށް އުފާވެފަ އެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ހަނގުރާމައިގެ އެތައް ހާސް ބަޔަކު ގާޒާ އިން ރައްކާތެރި އެހެން ހިސާބުތަކަށް ގޮސްފައިވެ އެވެ. އަނިޔާވެރި ޔަހޫދީ ދައުލަތުން ގާޒާ އަށް ދެމުން އައި ހަމަލާތައް ހުއްޓާލަން ނިންމީ މި މަހުގެ 15 ގަ އެވެ.
އިޒްރޭލާއި ހަމާސް އިން މިކަމަށް އެއްބަސްވެ އަސީރުން ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ ގާޒާގެ އެތައް ހާސް ބަޔަކު އެނބުރި އަމިއްލަ ވަޒަނަށް މިސްރާބު ޖަހާފައިވާ އިރު، ހަނގުރާމައިގެ ސަބަބުން ގާޒާ އޮތީ ސުންނާފަތިވެފައިކަމެވެ. އަސާސީ އެތައް ހިދުމަތެއް އެތަނުން ކެނޑިފައިވެ އެވެ.
އެހެންވެ ގާޒާ އަށް އެނބުރި ދިޔަސް ރައްޔިތުން އުޅެން ޖެހޭނީ ވަރަށް ދަތި ހާލުގަ އެވެ. ނަމަވެސް ގިނަ މީހުން ބުނާ ގޮތުން ކުރިއަށް ރޯދަ މަސް އޮތުމާ އެކު އަމިއްލަ ވަޒަނަށް އެނބުރި އާދެވުމަކީ ވެސް ޝުކުރުކުރުން ހައްގު ކަމެކެވެ.
އިޒްރޭލުން ފަލަސްތީނުގެ ނަސްތު ނައްތައިލަން ހިންގި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 47،000 އެއްހާ މީހުން ޝަހީދުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.