Last Updated: February 18, 20:43
Tuesday, February 18, 2025
ކުޅިވަރު

ތަށި ދިފާއުކުރަން ހިތަދޫން މިރޭ ފޭދޫއާ ދެކޮޅަށް

ހިތަދޫ ޓީމުގެ ކުޅުންތެރިން - ފޮޓޯ: އިމޭޖެސް އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރުގެ މުބާރާތުގެ އައްޑޫ އަތޮޅު ތަށި ދިފާއުކުރަން ހިތަދޫ އިން މިރޭ ފޭދޫއާ ދެކޮޅަށް ނިކުންނާނެ އެވެ.

ހިތަދޫ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި މަރަދޫފޭދޫއާ ބައްދަލުކޮށް 3-1 އިން ކުރި ހޯދައިގެންނެވެ. ފޭދޫ ފައިނަލަށް ދަތުރުކުރީ މީދޫއާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ.

އައްޑޫން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހަ ޓީމެއް ވާދަކުރިއިރު، ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިފައިވެ އެވެ. ހިތަދޫން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ގްރޫޕް ސްޓޭޖުގައި ފޭދޫން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވިއިރު، އަނެއް މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އައްޑޫ އަތޮޅުގެ ފައިނަލްގައި ވެސް ބައްދަލުކުރީ ހިތަދޫ އާއި ފޭދޫ އެވެ. އެފަހަރު ހިތަދޫން ފޭދޫގެ މައްޗަށް ކުރި ހޯދީ ޕެނަލްޓީގައި 4-3 އިން ކުރި ހޯދައިގެންނެވެ.

ހިތަދޫ އާއި ފޭދޫ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 10:30 ގަ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ދަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ މުބާރާތުގައި 129 ޓީމަކުން ވާދަކުރާ އިރު، މިއީ ރާއްޖޭގެ ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.