Last Updated: February 18, 21:05
Tuesday, February 18, 2025
ކުޅިވަރު

އަލް ހިލާލުން ނޭމާގެ ކޮންޓްރެކްޓް އުވާލައިފި

ބްރެޒިލްގެ ތަރި، ނޭމާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ.

ނޭމާ ،32، އަލް ހިލާލްއާ ގުޅުނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު 90 މިލިއަން ޔޫރޯއަށް ކަމަށްވާއިރު، އަނިޔާގެ ގިނަ މައްސަލަތަކެއް އޭނާ އަށް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އަލް ހިލާލަށް ނޭމާ ކުޅެދިނީ އެންމެ 7 މެޗެވެ.

އަލް ހިލާލުން ވަނީ ނޭމާ އެ ކްލަބަށް ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކޮށް، ކުރިމަގުގައި އޭނާއަށް ކާމިޔާބީ އަށް އެދިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަލް ހިލާލް ދޫކޮށްލުމަށްފަހު، ނޭމާ ދެން ބަދަލުވުން ގާތީ އޭނާ ކުރިން ކުޅުނު ބްރެޒިލްގެ ސަންޓޯސް އަށެވެ.

ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ހޯދި އަލް ހިލާލް މިވަގުތު ވެސް އޮތީ ލީގުގެ އެއްވަނައިގަ އެވެ.