ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށްވީ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ދުވާލު ހަތަރުދަމު ކުރަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ކަމަށާއި އެ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަރުވާ ކަމަށެވެ.
"މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ދޭން އޮތް ޔަގީންކަމަކީ، މަސްވެރިންނަށް ހުރި ވައުދުތައް ރައީސުލްޖުމްހޫރިއްޔާ ރަނުން ރަނަށް އިނގޭތޯ، މި ސަރުކާރުން ރަނުން ރަނަށް އިރާދަކުރެވިއްޔާ ފުއްދާނެ. އެ މަސައްކަތުގައި ދުވާލު ހަތަރުދަމު އުޅެނީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މިއަހަރު ވެގެންދާނީ މަސްވެރި ސިނާއަތުގައި ހުރި މުހިއްމު ޕްރޮޖެކްޓުތައް ފެށިގެންދާނެ އަހަރަކަށް ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް މަސްވެރި ސިނާއަތަށް ހުރި ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކާ ވަރަށް ބޮޑެތި ދޮރުތަކެއް ހުޅުވިފައިވާ ކަމަށެވެ. އަދި މަސްވެރި ސިނާއަތުގައި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮތީ މަސްވެރިންގެ ކަންބޮޑުވުންތައް ކަމަށާއި އޭގެތެރޭގައި ފައިސާގެ ކަންތައް ހިމެނޭއިރު އެ ކަންތައްތައް ވަރަށް ރަނގަޅަށް މިހާރު ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މީގެއިތުރުން ޝިޔާމް ވަނީ މި ދައުރުގެ ފުރަތަމަ ތިން އަހަރުތެރޭ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކައް ޖުމްލަ ހައްލެއް ހޯދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1.18 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މިފްކޯއަށް މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.