ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
މި ދަތުރުގައި، އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
މީގެ އިތުރުން، ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، އެ ރައްޔިތުންގެ ހާލު ވެސް ބައްލަވާނެ އެވެ.
ރައީސްގެ މި ދަތުރުގައި އެކި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫޢުގެ މަސައްކަތް ފައްޓަވައި ދެއްވުމަށާއި، އައިޑީކާޑާއި އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 'މަގޭ ސޯލާ ޕްރޮގްރާމް' ގެ ޢަމަލީ މަސައްކަތް ރައީސްޔާ ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ. އަދި ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ދެއްވުމަށް ކައުންސިލްތަކާއި ބެންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވަވާ ހަފުލާތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
ރައީސްގެ މި ދަތުރުގައި ހއ. އަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.
ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގަންނަވާނީ ބުރާސްފަތީގަ އެވެ.