އަޖޭ ދޭވްގަނާ އެކު ޑައިރެކްޓަރު ޖަގަން ޝަކްތީ ހަދަން ނިންމާފައިވާ ޖަންގަލް އެޑްވެންޗާ ފިލްމު "ރޭންޖާ"" ގެ ވިލަންއަކީ ސަންޖޭ ދަތު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ފިލްމަށް ސަންޖޭ ނެގި މައިގަނޑު ސަބަބަކީ އޭނަ އަކީ ފިލްމުގެ ވާހަކައާ ވަރަށް ގުޅޭ ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާތީ ކަމަށެވެ. އެގޮތުން "ރޭންޖާ" ގައި އަޖޭ އާއި ސަންޖޭގެ ވަރުގަދަ ކުރިމަތިލުންތަކެއް ހިމެނޭނެ ކަމަށާއި މިއީ ދެ ތަރިން ވެސް ވަރަށް ތަފާތުކޮށް ފެންނާނެ ފިލްމެއް ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ ހޮލީވުޑްގެ މަޝްހޫރު "އިންޑިއާނާ ޖޯންސް" ފްރައިްޗައިޒް ކަހަލަ ފިލްމެކެވެ. "ރޭންޖާ" އަކީ އަޖޭގެ 2019 ގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިިޔާރު ދޭ" ގެނެސްދިން ޕްރޮޑިއުސަރުން ކަމަށްވާ ލަވް ރަންޖަން އާއި އަންކޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި އަހަރުގެ މެއި/ޖޫން ހިސާބުގައި ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތް "ރޭންޖާ" ގެ ޑައިރެކްޓަރު ޖަގަން އަކީ އަކްޝޭ ކުމާރުގެ 2019 ގެ "މިޝަން މަންގަލް" ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އާ ފިލްމަކީ ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައވާ ފިލްމެވެކެ. އެގޮތުން "ރޭންޖާ" އަކީ ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ހިމެނޭނެ ފިލްމެކެވެ.
މީގެ ވިލަންގެ ރޯލަށް ސަންޖޭ ނެގި އިރު، އޭނަ މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ނުބައިބައި ރޯލު ކުޅެފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ކަލްނަޔަކް" އާއި "އަގްނީޕަތު" ހިމެނެ އެވެ.
މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޓައިގާ ޝްރޮފްގެ "ބާގީ 4" ގެ ވިލަންގެ ރޯލުން ވެސް ސަންޖޭ ފެންނާނެ އެވެ.
އަޖޭ އާއި ސަންޖޭ މީގެ ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ އިރު، ގާތް މި ދެ އެކުވެރިންގެ ފިލްމެއް މި އަހަރު ވެސް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެއީ ދެ ތަރިންގެ 2012 ގެ "ސަން އޮފް ސަރުދާރު" ގެ ސީކްއެލް އެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައިގަ އެވެ.