ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް މިހާރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޑޮލަރު މާރު ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ގައުމީ ބޭންކުން ބުނީ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި އެ ނޫން ވެސް ޓޫރިޒަމާ ގުޅުން ހުރި ފަރާތްތަކަށް މި ހިދުމަތް މިހާރު ލިބޭނެ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލައި މިހާރު އަމަލު ކުރަމުން އަންނަ ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ދެ ކެޓަގަރީއަށް ބަހައިފަ އެވެ.
ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި ޕްރައިވެޓް އައިލަންޑްތަކާއި ރިޒޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަނެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމުވެ އެވެ.
ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ނުވަތަ ޓޫރިސްޓް އުޅަނދުތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެ އެވެ.