Last Updated: July 5, 19:14
Sunday, July 5, 2026
މުނިފޫހިފިލުވުން

'ޕްރޮޖެކްޓް 37' ނިމުމާ ގާތަށް

ޑާކް ރެއިން އެންޓައިންމަންޓުން މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި "ޕްރޮޖެކްޓް 37" ގެ ޝޫޓިންގެ މިހާރު ނިމުމާ ގާތްވެފައިވާ ކަމަށް ޕްރޮޑޮއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.

އޭނަ ބުނީ އަލީ ޝިފާއު (ޗިއްޕެ) އާއި ފިލްމުގެ މައިގަނޑު އެއް ރޯލު ކުޅޭ އެކްޓަރު ރަވީ ފާރޫގް ޑައިރެކްޓްކުރާ އެކްޝަން ތުރިލާގެ ޝޫޓިންގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ ރަސްމީ ނަމާއި ސިނަމާ އަށް ފިލްމު ގެންނާނެ ތާރީހެއް އަދިވެސް ފައިނަލް ނުވާ ކަމަށް މޮގާ ބުންޏެވެ.

ނަމަވެސް "ޕްރޮޖެކްޓް 37" އަކީ މި އަހަރު ޑާކް ރެއިނުން ބެލުންތެރިންނަށް ގެނެސްދޭނެ ފުރަތަމަ ފީޗާ ފިލްމެވެ.

މިއީ މިދިޔަ އަހަރުގެ ކުރީކޮޅު އެ ސްޓޫޑިއޯ އިިން ގެނެސްދިން ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ގެ ވެސް ސްކްރީންޕްލޭ ލިޔުނު އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ކާސްޓްގައި ރަވީގެ އިތުރުން މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ)، މުހައްމަދު ހާޒިފް، މުހައްމަދު ފައިސަލް އަދި ޖޭމް އައްލޯ ހިމެނެ އެވެ.

ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" އެވެ.