Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ޓޫރިޒަމް ބިންތައް ތަރައްގީކުރަން ލޯނު ދޫކުރަނީ

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް ތަރައްގީކުރަން ކުޑަ އިންޓަރެސްޓުގައި ލޯނުގެ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ހއ. ފިއްލަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފިއްލަދޫގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ އަދި އެގްރީމަންޓްގެ މަރުހަލާގައި ހުރި ބިންތަކުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތައް ފަހިކޮށްދޭން ސަރުކާރުން ބޭނުންވާ ކަމަށެވެ.

އެގޮތުން، އާއްމުކޮށް ބޭންކިން ނިޒާމުގެ ތެރެއިން ލިބޭ ޓާމްސްތަކުގައި ލޯނު ނަގައިގެން އެތަންތަން ހަދަން ފުރުސަތު ދީފި ނަމަ، އެ ތަންތަން ތަރައްގީ ކުރެވޭލެއް ވަރަށް ލަސްވާނެ ކަމަށާއި އެހެންކަމުން ކުޑަ އިންޓަރެސްޓުގައި ލޯނުގެ ލިބޭނެ ގޮތް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އާއްމުކޮށް މި ގޮތަށް ކޮމާޝަލް ޕްރޮޖެކްޓްސްތަކަށް ލޯނު ދޫކުރާ ވަރަށްވުރެ އިންޓަރެސްޓް ރޭޓް ކުޑަކޮށް ފިނޭންސް މިނިސްޓަރު އަޅުގަނޑަށް ދެންނެވީ މިހާރު ދޫކުރާ އިންޓަރެސްޓް ރޭޓަށްވުރެ ތިން ޕަސަންޓު ކުޑަވާނެ ކަމަށް. އިންޓަރެސްޓް ރޭޓް ކުޑަކޮށް ދޫކުރާ ލޯނުތަކެއްގެ ކަންތައް މިހާރު ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ގޮސްފައިވާ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ފިއްލަދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ފިއްލަދޫއަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އިޤްތިޞާދީ ގޮތުން ހއ އަދި ހދ އަތޮޅުގެ ފަތުރުވެރިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްނަގައިގެން ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްތައް ކުރިއަށްގެންދަވާ ކަމުގައި ވިދާޅުވެ މިހާރު ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް މިއަދުގެ ޖަލްސާގައި އެމަނިކުފާނު ޙިއްޞާކުރެއްވި އެވެ.