ޓިކްޓޮޮކްގެ އެމެރިކާގެ އޮޕަރޭޝަންސް ގަންނަން އެ ގައުމުގެ މަޝްހޫރު ޓެކް ކުންފުނި، މައިކްރޮސޮފްޓުން މަޝްވަރާތަކެއް ކުރަމުން އަންނަ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ އެ ކުންފުނީގެ އިތުރުން ވެސް އެމެރިކާގެ އެހެން ބައެއް ބޮޑެތި ކުންފުނިތަކުން ވެސް މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އެހެންވެ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންސް ވިއްކައިލަން ހުޅުވައިލުމުން ވަރަށް ގިނަ ބަޔަކު މިކަން ކާމިޔާބު ކުރަން "ބިޑިން ހަނގުރާމައެއް" ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޗައިނާގެ ބައިޓްޑާންސުން ހިންގާ، ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންސް ވިއްކައިލުމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އެ ކުންފުނީގެ ބޯޑް މެންބަރެއް ކަމަށްވާ ޖެނެރަލް އެޓްލާންޓިކްގެ ސީއީއޯ ބިލް ފޯޑް ވެސް މިދިޔަ ހަފުތާގައި ވިދާޅުވެފައިވެ އެވެ.
މި މަޝްވަރާތައް ފެށީ ޓިކްޓޮކް އެމެރިކާގައި މި މަހުގެ 19 އިން ފެށިގެން މަނާވާ ގޮތަށް އޮއްވައި މި މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް ވެރިކަމަށް ވަޑައިގެން ޓިކްޓޮކް އެމެރިކާގައި މަނާކުރުން ތަންފީޒު ކުރުން 75 ދުވަހަށް މަޑުޖައްސައިލުމާ ގުޅިގެންނެވެ.
މައިކްރޮސޮފްޓުން މިކަމަށް ޝައުގުވެރިވެ، މަޝްވަރާތައް ކުރިއަށް ގެންދާ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި 2020 ގެ ފަހުކޮޅު ވެސް ޓިކްޓޮކް ވިއްކައިލަން މަޖުބޫރު ކުރުމުން އެ ގަންނަން ހުށަހެޅި ކުންފުނުތަކުގެ ތެރޭގައި ވެސް މައިކްރޮސޮފްޓް ހިމެނެ އެވެ.
ނަމަވެސް އެ ފަހަރު ޓިކްޓޮކުން އެ މުއާމަލާތް ހެދީ އެމެރިކާގެ އޮރޭކަލް ކޯޕަރޭޝަނާ އެވެ. އެކަމަކު ފަހުން އެ މުއާލާތް ހުއްޓުމަކަށް އައީ 2021 ގައި ބައިޑެން ވެރިކަމަށް ވަޑައިގަތުމާ ގުޅިގެންނެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ސަރުކާރުން ވާގި ދޭ، އަދި ސަރުކާރަށް ޖާސޫސްކޮށް ދޭ އެޕެކެވެ. އެހެންވެ އެ އެޕް ބޭނުންކުރާ އެމެރިކާގެ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރެ އެވެ. އެ ތުހުމަތު އަޅުވައި އެމެރިކާ އިން ޓިކްޓޮކް ސިފަކުރަނީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ.
އެކަމަކު އެފަދަ ތުހުމަތުތައް އަބަދު ވެސް ޓިކްޓޮކުން އަންނަނީ ދޮގު ކުރަމުންނެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކް އެމެރިކާގައި ބޭނުންކުރާ މީހުންގެ އަދަދު 170 މިލިއަނަށް ވުރެ ގިނަ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި އެ ގައުމުގައި ޓިކްޓޮކް ދާއިމީކޮށް ހިންގަން އޮތް ހަމައެކަނި ގޮތަކީ އޭގެ އެމެރިކާގެ އޮޕަރޭޝަންސް އެ ގައުމުޔަކަށް ވިއްކައިލުމެވެ.