ސަރުކާރާއި ދިމާލަށް ކިތަންމެ އެއްޗެއް ކިޔަސް، ކޮންމެ މީހެއްގެ ވެސް އަބުރެއް އޮންނާނެކަން ހަނދާން ކުރަންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދިއްދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނާއި އަދި ސަރުކާރާއި ދިމާލަށް ކިތަންމެ އެއްޗެއް ގޮވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މިއީ އިސްލާމްދީނުގެ މަތީގައި ގާއިމުވެފައިވާ ގައުމެއް ކަމުން، ދީނުގެ ހަމަތައް އެންމެން ވެސް ގަބޫލުކުރަންޖެހޭނެ ކަމަށެވެ.
"ރިވެތި އަހުލާގު އިސްކުރަން ޖެހޭނެ. ރިވެތި ބަހުރުވައިން ވާހަކަ ދައްކަން ޖެހޭނެ. ކޮންމެ ރައްޔިތަކީ ވެސް ހުރުމަތްތެރިވެގެންވާ ރައްޔިތެއްކަން ގަބޫލު ކުރަން ޖެހޭނެ. ކޮންމެ މީހެއްގެ ވެސް އަބުރެއް އޮތްކަން ގަބޫލު ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ތިމަންނާ އަނެކާއާ ހިޔާލުތަފާތުވުމަކީ، އަނެކާ ކުޑަކޮށްލާ، ނިކަމެތިކޮށްލާ، ކުޑައިމީސް ކުރުމުގެ ހައްގު އެ މީހާއަށް ލިބޭ ކަމެއް ނޫންކަން ގަބޫލުކުރަންޖެހޭނެ ކަމަށެވެ. އަދި ގައުމަށް ހަމަޖެހުން އަންނާނީ، އެ ފަރުދީ ޒިންމާ އަދާ ކުރާ މީހަކަށް ރައްޔިތު މީހާ ވެސް ވާ ދުވަހަކުން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމަށް ކުރިއެރުމެއް އަންނާނީ، ކިތަންމެ އެއާޕޯޓެއް އެޅިޔަސް ކިތަންމެ މަގެއް ހެދިޔަސް، ކިތަންމެ މަޝްރޫއޫތަކެއް ރަށަށް ހިންގިޔަސް، މި ދެންނެވި ފިކުރު މި ގައުމުގައި ގާއިމުވާ ދުވަހަކުން،" ރައީސް ވިދާޅުވި އެވެ.
މި ފިކުރު ރާއްޖޭގައި ގާއިމުކުރަން ސަރުކާރުން ހިތްވަރު ދޭނެ ކަމަށާއި މި ސަރުކާރުގެ ފަރާތުން ތަފާތު ކުރާތަނެއް އަދި ސިޔާސީ ގޮތުން ބަދަހި ހިފާތަނެއް ނުފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ ރައްޔިތަކީވެސް ޤާނޫނަކުން މަނާ ނުވާ ކޮންމެ ކަމެއް ކުރުމުގެ ޙައްޤު ލިބިގެންވާ ރައްޔިތެއް ކަމަށާއި، ސަރުކާރަށް އޮތީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުން ކަމަށްވެސް ވިދާޅުވި އެވެ.