ސަރުކާރުން ރާއްޖޭގެ 57 ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މި މަޝްރޫޢުގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން އިޢުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންމާނެ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިނގ އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ޚާއްޞަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހުގެ ތެރޭގައި އިޢުލާން ކުރާނެ އެވެ.
ޕްރީ-ކޮލިފިކޭޝަނަށް ދަޢުވަތު ދިނުމަށް މެއިލިންގ ލިސްޓުގައި ހިމެނުމަށް އެދޭ ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ބީލަންވެރިން، ނުވަތަ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި މެއިލަށް tender@finance.gov.mv މެއިލް ކުރަން މިނިސްޓްރީން އެދިފައިވެ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުގެ ދަށުން ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓާއި ދެކުނުގައި 20،000 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައިވާ އިރު، އޭގެ ތެރެއިން 1 ބިލިޔަން ރުފިޔާ ހާއްސަކޮށްފައި ވަނީ އުމްރާނީ ތަރައްގީއަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މި އަހަދުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެކެވެ.