ބޮލީވުޑްގެ ތަރި، ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނެރޭ ފިލްމު ރަސްމީކޮށް އިއުލާން ކުރަން ތައްޔާރުވެއްޖެ އެވެ.
އެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން ހަމަޖެހިފައިވާ "ސަރުޒަމީން" އެވެ. ޝޫޓިން ނިންމާފައި އޮތް މި ފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު، ކެޔޯޒް އިރާނީ އެވެ. "ސަރުޒަމީން" ގެ ކާސްޓްގައި ކާޖޮލް އާއި ދެކުނުގެ މަޝްހޫރު އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނެ އެވެ.
ފިލްމުުގެ މަސައްކަތް ނިންމާފައި އޮތަސް މިއާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް ދަރުމާ އިން މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު މިއަދު ފޮޓޯތަކަކާ އެކު ސޯޝަލް މީޑިއާގައި ދަރުމާ އިން ވަނީ އިބްރާހީމް، 23، ގެ އަލަތު ފިލްމު ގެނެސްދޭނެ އިރެއް ވަރަށް އަވަހަށް އިއުލާން ކުރާނެކަމުގެ އިޝާރާތެއް ދީފަ އެވެ.
އެ ޕޯސްޓްގައި ބުނީ އިބްރާހީމް ވާނީ ގިނަ ބައެއްގެ ފެވަރިޓަކަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ ދަރުމާ އިތުރު ފިލްމެއްގެ މަސައްކަތް ވެސް އިބްރާހީމް ނިންމާފައިވާކަމެވެ. އެއީ އެ ސްޓޫޑިއޯގެ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓަޓައިންމަންޓުން ހަދާފައިވާ "ނާދާނިޔާ" އެވެ. އާ ޑައިރެކްޓަރު ޝައުނާ ގޯތަމް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ ހުޝީ ކަޕޫރެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ މިހާރު އަންނަނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ "ޑިލަރު" ކިޔާ ފިލްމަކަށް ތައްޔާރުވަމުންނެވެ.
އެކްޓަރެއްގެ ގޮތުގައި އިބްރާހީމް ބޮލީވުޑަށް ތައާރަފުވުމުގެ މަގުމަތީގައި ހުރި އިރު، އޭނަ ކެމެރާގެ ފަހަތުގައި ވެސް މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެގޮތުން ކަރަން 2023 ގައި ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބްރާހީމް މަސައްކަތްކޮށްފައިވެ އެވެ.
އޭނަގެ ފުރަތަމަ ފިލްމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު، އިބްރާހީމް ވާނީ މޮޅު އެކްޓަރަކަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ސަބަބަކީ އޭނަގެ އާއިލާ އަކީ މަޝްހޫރު ފިލްމީ އާއިލާއަކަށްވުމެވެ. އިބްރާހީމްގެ މާމަ އަދި ލެޖެންޑްރީ ބަތަލާ ޝަރުމީލާ ޓެގޯރް އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ބަތަލާ ވެސް މެ އެވެ.
އިބްރާހީމްގެ މަންމަ އަމްރިތާ ސިންގް އަކީ ވެސް ކުރީގެ މަޝްހޫރު ބަތަލާއެކެވެ. އަމްރިތާ އަކީ ސަނީ ޑިއޯލްގެ ފުރަތަމަ ފިލްމު "ބޭތާބް" ގެ ބަތަލާ އެވެ.