Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ރަށްރަށަށް ކުރާ ދަތުރުތަކަކީ ބޭކާރު ހަރަދެއް ނޫން

ރަށްރަށަށް ކުރާ ދަތުރުތަކަކީ ބޭކާރު ހަރަދެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު މާރަންދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ގާތަށް އެ މަނިކުފާނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަޑައިގަތުމަކީ އެއްވެސް ޙާލެއްގައި ބޭކާރު ވެގެންދާ ޚަރަދެއް ނޫން ކަމަށާއި، ބޭކާރު ވެގެންދާ ޚަރަދަކީ ކަންކަން ނުކުރެވި ލަސްވެގެންގޮސް ލިބޭ ގެއްލުމުގެ އަގު ކަމަށެވެ.

އަދި ކަމާ ގުޅުންހުރި ދާއިރާތަކުގެ ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގެން، ރަށުގެ މުއައްސަސާތަކާއެކު އެއްތަނަކުން ބައްދަލުވެ، މަޝްވަރާތައް ކުރެވުމާއެކު، ކަންކަމަށް އަވަސް ޙައްލެއް ހޯދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށާއި، އެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ސީރިއަސްކަމާއެކު ދެމިއޮތް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މި ހިނގާ އަހަރު، މި ކަންކަމަށް ޢަމަލީ ސިފަ ގެނެސްދެއްވުމަކީ ސަރުކާރުގެ ޕްލޭން ކަމުގައި ވިދާޅުވެ، ރައީސް ވަނީ، އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރު ކުރިއަށް ނުގެންދެވި ހުރި މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފަށައި، ހުއްޓިފައި ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ކަންކަންވެސް ކުރިއަށް ގެންދެވޭނެ މަގުތައް އަދުގެ ސަރުކާރުން ހޯއްދަވާފައިވާ ކަމަށާ، އެކަންކަންވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ރަށުގެ ބަނދަރުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ދެއްވި އެވެ.

އޭގެ އިތުރަށް ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މާ ލަސްތަކެއް ނުވެ، މަސައްކަތްތައް އަލުން ފައްޓަވައިދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.