Last Updated: February 18, 21:58
Tuesday, February 18, 2025
ޚަބަރު

އައްޑޫ އޮފީސް ވޮލީ: ފުރަތަމަ ކައުންސިލާއި އެމްޓީސީސީ

އަންނަ މަހު ފަށާ "އައްޑޫ އިންޓަ-އޮފީސް ވޮލީ ޓޯނަމަންޓް 2025" ގެ ހުޅުވާ މެޗްގައި އައްޑޫ ސިޓީ ކައުންސިލާއި ކުލަބް އެމްޓީސީސީ ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މުބާރާތުގެ ވާދަކުރާ އޮފީސްތަކުގެ މެދުގައި ރޭ ގުރުލުން ބާއްވާފައިވާ އިރު، ޖުމްލަ 10 އޮފީހަކުން ވާދަކުރާ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް 13 ޓީމް ވާދަކުރެ އެވެ.

އެގޮތުން މުބާރާތް ހުޅުވާ މެޗްގައި އަންނަ މަހުގެ 1 ވަނަ ދުވަހު ފިރިހެން ޑިވިޝަންގައި ހިމެނޭ އައްޑޫ ސިޓީ ކައުންސިލާއި ކުލަބް އެމްޓީސީސީގެ މެޗް ފަށާނީ ހަވީރު 4:30 ގަ އެވެ. މި މުބާރާތުގެ މެޗްތައް ކުޅެން ހަމަޖެހިފައި ވަނީ ފޭދޫ ވޮލީ ކޯޓްގަ އެވެ.

އަންނަ މަހުގެ 1 ގައި ފިރިހެން ޑިވިޝަންގެ އިތުރު މެޗެއް ވެސް އޮންނާނެ އެވެ. އެގޮތުން ރޭގަނޑު 8:30 ގައި ކުޅޭ މެޗްގައި ބައްދަލު ކުރާނީ އައްޑޫ ސިޓީ ޕޮލިހާއި މިފްކޯ އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ޓީމްތަކަކީ އައްޑޫ ކައުންސިލް، އައްޑޫ ޕޮލިސް، އެސްޓީއޯ، މިފްކޯ، ވެމްކޯ، ފެނަކަ، ކުލަބް އެމްޓީސީސީ އަދި ފޭދޫ ސްކޫލެވެ.

އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމްތަކަކީ ކުލަބް އޭއީއެޗް، ކައުންސިލް، އޭއައިއޭ، އެމްޓީސީސީ އަދި ޕޮލިހެވެ. މި ޑިވިޝަންގެ ފުރަތަމަ މެޗް ކުޅޭނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހަވީރު އެވެ. އެ މެޗްގައި ބައްދަލުކުރާނީ ކުލަބް އޭއީއެޗާއި އޭއައިއޭ އެވެ.

އަންހެން ޑިވިޝަންގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ހަވީރު 4:30 ގަ އެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް އޮންނާނީ 15 ވަނަ ދުވަހުގެ ރޭ 8:30 ގަ އެވެ.

އެސޯސިއޭޝަން ފޯ އައްޑޫ ވޮލީން އިންތިޒާމުކުރާ މި މުބާރާތުގައި ޖުމްލަ 29 މެޗް ކުޅެން ހަމަޖެހިފައިވާ އިރު، ކުޅުންތެރިންގެ އަދަދު 234 އަށް އަރަ އެވެ.