Last Updated: March 22, 00:36
Friday, March 21, 2025
ޚަބަރު

ގާނޫނާ ހިލާފަށް ކުރާ އަމަލެއް ބަލައިނުގަންނާނަން: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ރައީސް އޮފީސް

އެއްވެސް ފަރާތަކުން ގާނޫނާ ހިލާފަށް ކުރާ އަމަލެއް ބަލައިނުގަންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވަނީ އެއްވެސް ފަރާތަކުން ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކުރާ ޢަމަލެއް ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އެމްއާރްއެމް އަށް ދިން މުއްދަތުގައި 3،000 މެންބަރުން ހަމަވެފައި ނުވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެމްއާރްއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް އީސީން ބުނެ އެވެ.

ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދި އެމްއާރްއެމްގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ދަރިކަލުން ފާރިސް މައުމޫނެވެ.