ކިޑްނެޕްކޮށް، ފޭރިފައިވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދިން ސިންގަޕޫރްގެ ބިއުޓީ އިންފްލުއެންސާއެއް ކަމަށްވާ އަމީރާ ލައިލާ ހޯ، މެލޭޝިއާގެ ކޯޓަކުން 1،000 ރިންގިޓް (228 ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.
އޭނަގެ މައްޗަށް އެ ޖޫރިމަނާ އައި ކިޑްނެޕްކުރި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރި މައްސަލަ ތަހުގީގުކުރި އިރު، އެފަދަ ކަމެއް ހިނގާފައި ނުވާކަން ސާބިތުވުމާ ގުޅިގެންނެވެ. ހޯ ބުނެފައިވާ ގޮތުގައި މެލޭޝިއާގެ އަންހެނަކާއި ފިރިހެނަކު ވެގެން އޭނަ ކިޑްނެޕްކޮށް ފޭރުނީ ދެ ގައުމު ބޯޑަރު ގުޅޭ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ޖޮހޯރް ބަހްރޫގަ އެވެ.
އެގޮތުން އެ މީހުން ވިއްކަން އުޅުނު ސައިފަތްތަކެއް ގަންނަން ދެކޮޅު ހެދުމުން އެކަމަށް މަޖުބޫރުކޮށް، ގަދަކަމުން ވަސް ދެއްކި އެއްޗެއްގެ ސަބަބުން ހެއަށް ގޮތްވެ، ވާނުވާ ނޭނގޭ ހިސާބަށް ދިއުމުން ގެންގުޅުނު ދަބަހުގައި އޮތް 400 ޑޮލަރު ވެސް ނަގައިން އޭނަ ބިންމައްޗަށް ވައްޓާލައި ދެ މީހުން ފިލައިގެން ދިޔައީ ކަމަށް ހޯ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.
ކިޑްނެޕްކުރި މަންޒަރު ކަމަށް ބުނެ ވީޑިއޯއެއް ވެސް ހޯ، "ވީނަސް ހޯ" ގެ ނަމުގައި ހިންގަމުން އަންނަ އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓްކުރި އެވެ. ނަމަވެސް ފަހުން އެ ވީޑިއޯ ޑިލީޓްކޮށްފައިވެ އެވެ.
ފުލުހުން ބުނީ ހޯ ރިޕޯޓްކުރި މައްސަލައިގެ ތަހުގީގުގެ ތެރެއިން ހާދިސާ ހިނގި ކަމަށް ބުނާ ސަރަހައްދުގެ ސީސިޓީވީ ފުޓޭޖާއި އެހެނިހެން ޓެކްނިލްގެ ހެކިތަކަށް ރިއާޔަތްކޮށް ކުރި ތަހުގީގުގެ ތެެރެއިން، ހޯ ފުލުހުންނަށް ދިނީ ދޮގު މައުލޫމާތުތަކެއް ސާބިތުވާ ކަމަށެވެ.
އެހެންވެ އެފަދަ ދޮގު މައުލޫމާތުތައް ދީ އާންމުންގެ ތެރޭގައި ބިރުވެތިކަން ވެސް އުފެދޭ ކަހަލަ ދޮގު ވާހަކަތައް ފަތުރާ ދޮގު މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.