Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

އިހަވަންދޫގެ ތަރައްގީގައި ހަގީގީ ކުލަ ޖައްސައިދޭނަން

ހއ. އިހަވަންދޫގެ ތަރައްގީގައި ހަގީގީ ކުލަ ޖައްސައިދޭނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު އިހަވަންދޫގައި ވާހަކަ ދައްކަމުން ރައީސް ވިދާޅުވީ އިހަވަންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޝަރީޒް ކޮމްޕްލެކްސް އާއެކު އެ ރަށުގައި 150 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށާއި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މޭ މަހު ފެށުމަށް ހަމަޖެހިފައިވާއިރު، ހުރިހާ މަސައްކަތެއް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމަށާއި އަދި ރޯދަ މަސް އަންނަން ވާއިރަށް ރަށުގައި ޑަޔަލެސިސްގެ ހިދުމަތް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކެމްޕޭނު ތެރޭގައި ވައުދުވި ގޮތަށް އިހަވަންދޫގައި މި ދައުރުގެ ތެރޭގައި ކުޅިވަރު ވަސީލަތްތައް ވެސް ގާއިމުކޮށްދޭނެ ކަމަށާއި އަދި ވަރަށް އަވަހަށް ވެމްކޯގެ ހިދުމަތް ވެސް އެ ރަށުގައި ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރައްޔިތުން ބޭނުންވާ ގޮތަށް އިހަވަންދޫ ބަނދަރުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމަށާއި އަދި ގެދޮރުގެ މައްސަލަ ހައްލުކުރަން 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިހަވަންދޫގެ ތަރައްގީގައި ހަގީގީ ކުލަ އަޅުގަނޑުމެންގެ އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އެކީގައި ޖައްސައިދޭނެ ކަމުގެ ޔަގީންކަން އަނެއްކާވެސް އަރުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.