ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ނާހިލް އަހުމަދު ސިއްދީގު އިސްތިއުފާ ދީފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ ވަޒީފާ އަދާކުރަމުން އައި ނާހިލް އެފްއޭއެމްގައި އަދާކުރަމުން އައި ވަޒީފާ އިން އިސްތިއުފާ ދީފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އިދާރީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ފީފާ އިން ވަނީ މިދިޔަ އަހަރު ނިންމާފަ އެވެ. އެ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.
އެ ކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސައިމަން އަދި އަހްމަދު އަލީ އެވެ.
އެފްއޭއެމްގެ ފައިސާ އިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމީން އެވެނިއު އިން އެޕާޓްމެންޓް ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާތަކެއް ވަނީ އުފުލާފަ އެވެ.
އެ މައްސަލައިގައި ބައްސާމާ އެކު އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި ކުރިން އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާ އުފުލައިފައިވެ އެވެ.
މި މީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ހިޔާނާތުގެ ކުށާއި، އޮޅުވާލުމުގެ ކުށް އަދި މަނީ ލޯންޑަރިންގެ ކުށެވެ.