Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ގާނޫނުން ބޭރުން އެއްވެސް ކަމެއް ކުރަން ފުރުސަތެއް ނޯންނާނެ

ގާނޫނުން ބޭރުން އެއްވެސް ކަމެއް ކުރަން ފުރުސަތެއް ނޯންނާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު ހޯރަފުށީގައި ވާހަކަ ދައްކަމުން ރައީސް ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދޭ ހުރިހާ ހައްގުތަކެއް ފުރިހަމަ ގޮތުގައި މި ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި ގާނޫނުއަސާސީ ނުވަތަ ގާނޫނުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށެވެ.

"އެއާއެކީގައި ދަންނަވާލަން ބޭނުން ވަނީ ގާނޫނު އަސާސީން ބޭރުން، ގާނޫނުން ބޭރުން އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތަކެއް ކުރުމަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަކީ ފަރުދީ ޒިންމާ ކަމަށާއި ގާނޫނުއަސާސީން ބޭރުން ކަންތައްތައް ކުރުމަށް ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށެވެ.

"ގައުމުގައި އޮތް ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، އަޅުގަނޑުމެންގެ ތަރައްގީއަށް ހުރަސް އެޅުން، މުސްތަގުބަލަށް ހުރަސް އެޅުމަކީ އެއްވެސް މީހަކަށް އޮންނާނެ ހައްގެއް ނޫން. އެހެންވީމަ މިކަމުގައި ކުރިއަށް ދިއުމުގައި އަޅުގަނޑުގެ ޒިންމާ، އަޅުގަނޑު އަދާކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އަންނަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން މާލޭގައި އިހުތިޖާޖެއް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.