ވަޢުދުވެވަޑައިގެންނެވި ފަދައިން ރައްޔިތުންގެ އުންމީދުތަކުގައި ޢަމަލީ ސިފައެއްގައި ޙަޤީޤީ ކުލަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު ހޯރަފުށީގައި ވާހަކަ ދައްކަމުން ރައީސް ވިދާޅުވީ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ވަރަށް ބޮޑަށް ސަމާލުވެވަޑައިގެން ހުންނެވި ކަމަށާއި އެގޮތުން އެ ވަޢުދުތަކަކީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެއްސުމަށްޓަކައި ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވައިގެން ވެވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ.
ސަރުކާރުގެ މަސައްކަތްތައް ތަރުތީބުކޮށްފައި ވާނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެންމެ ބާރު ދުވެލީގައި އެ ކަންކަން ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް ރާވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ހއ. ހޯރަފުށީގެ ތަރައްޤީއާ ގުޅުންހުރި ކަންކަންވެސް، މި ބީދައިން ކުރިއަށްދާނެ ކަމަށާއި އެގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫޢަށް މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތަރައްޤީކުރަން އިޢުލާންކުރެވުނު ހައުސިންގް ޔުނިޓްތަކުގެ ތެރޭގައި، ހޯރަފުށީގެ 200 ހައުސިން ޔުނިޓްގެ މަސައްކަތް ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ބިން ހިއްކުމުގެ މަޝްރޫޢާއި، ކުނި ނައްތާލުމުގެ ނިޒާމު ތަރައްޤީ ކުރުމާއި، އަދި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އަދި ކުޅިވަރު ކުޅުމަށް ޚާއްޞަ ފެސިލިޓީތަކެއް ތަރައްޤީކޮށްދެއްވާން ވެވަޑައިގެންނެވި ވަޢުދާއި، ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވަން ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމުގެ މަސައްކަތްތައް މިއަހަރުގެ އެކި ހިސާބުގައި ފައްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގައި ހޯރަފުއްޓަށް ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް މި އަހަރު ތެރޭގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފަ އެވެ.