ހަނު ތިބެގެން ހައްގު ނުލިބޭނެ ކަމަށާއި ސަރުކާރަކަށް އަޑު އިވޭނީ މަގު މައްޗަށް ނުކުމެ އަޑު އުފުލައިގެން ކަމަށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މި ސަރުކާރަށް އަޑު އިވެނީ ރައްޔިތުން ނިކުމެ އަޑުއުފުލުން ކަމަށާއި ފްލެޓު ނުލިބިގެން ޝަކުވާ ކުރައްވާ ފަރާތްތަކުން ހަނު ތިބެގެން ސަރުކާރުން ފްލެޓެއް ނުދޭނެ ކަމަށެވެ. ފްލެޓަކީ ރައްޔިތުންގެ ހައްގެއް އަދި މުދަލެއް ކަމާއި، ޝަރުއީ ހުކުމެއް ނެތި ފްލެޓުތައް ސަރުކާރަށް އަތު ނުލެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ރިސޯޓުތަކުގައި މަސައްކަތް މުވައްޒަފުން ގުދާރު ބިންދައިގެން މަސައްކަތް ކުރާއިރު، އެ މުވައްޒަފުންނަށް ޑޮލަރުން ލިބެމުން ދިޔަ ސާވިސް ޗާޖު، ރުފިޔާ އަށް ބަދަލުކޮށްލީ މިސަރުކާރުގެ ގޮތެއް ފޮތެއް ނެތް ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާއި ހަނު ތިބެގެން ހައްގެއް ނުހޯދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަދި އެންސްޕާ އާއި އާސަންދައިން ބޭސް ނުކުރެވޭ ފަރާތްތަކާއި ޓެކްސީ ލައިން ހެދުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވަން އެ ފަރާތްތަކުން ވެސް ނިކުމެ އަޑުއުފުލަން ޝާހިދު ގޮވާލެއްވި އެވެ. އަދި މަހުގެ އަގު ސަރުކާރުން ވައްޓާލުމަށް ފަހު ފައިސާ ނުދޭއިރު އެ ހައްގު ހޯދުމަށް މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުން ނުކުތުމަށް ވެސް ގޮވާލާފައިވެ އެވެ.
"މި ސަރުކާރަށް އަޑު އިއްވެން އޮތީ ހަމަ އެކަނި ނުކުމެ މަގުމަތީގައި މި އަޑު އުފުލައިގެން. ވަކާލާތުކޮށްގެން. އެ ނޫން ގޮތަކަށް މި ސަރުކާރަކަށް އަޑު އިއްވޭނެ ގޮތެއް އޮތް ކަމަކަށް ނުފެނޭ،" ޝާހިދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި މާދަމާ ރޭ މާލޭގެ މަގުމައްޗަށް އިހުތިޖާޖަށް ނިކުންނަން އެމްޑީޕީން ވަނީ ނިންމާފަ އެވެ