Last Updated: February 18, 20:15
Tuesday, February 18, 2025
ކުޅިވަރު

ފަހަތުން އަރައި މޮޅުވެ ސިޓީ ޕްލޭއޮފަށް

ފަހަތުން އަރައި 3-1 އިން ކްލަބް ބްރޫޖް ބަލިކޮށް، މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ޕްލޭއޮފުން ޖާގައެއް ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި 36 ޓީމެއް ވާދަކުރިއިރު، ކޮންމެ ޓީމަކުން ވެސް ޖުމްލަ އަށް މެޗު ކުޅެފައިވެ އެވެ. ލީގު ބުރު ނިމުނުއިރު އެންމެ ގިނަ ޕޮއިންޓު ހޯދި ގަދަ އަށް ޓީމު މުބާރާތުގެ ގަދަ 16 އަށް ވަނީ ދަތުރުކޮށްފަ އެވެ.

އަދި ނުވަ ވަނައިން ފެށިގެން 24 ވަނަ އާ ދެމެދުގައި ހިމެނޭ ޓީމުތައް ދެވަނަ ބުރަށް ދިޔުމަށް ކުޅޭނީ ޕްލޭއޮފް ބުރެކެވެ. އޭގެެއިން މޮޅުވާ އަށް ޓީމަކަށް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.

މެންޗެސްޓާ ސިޓީން ލީގު ބުރު ނިންމާލީ 22 ވަނައިގައި އޮވެ އެވެ. ޕްލޭއޮފް ބުރުގެ ގުރުނެގުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕްލޭއޮފްގައި ސިޓީން ބައްދަލުކުރާނީ ރެއާލް މެޑްރިޑް ނުވަތަ ބަޔާން މިއުނިކާ އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ރަފޭލް އޮންޔެޑިކާ ވަނީ ބްރޫޖަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 53 ވަނަ މިނެޓްގައި މަޓެއޯ ކޮވަސިޗް ސިޓީއަށް ނަތީޖާ އެއްވަރުކޮށްދިން އިރު، މެޗުގެ 62 ވަނަ މިނެޓްގައި ސިޓީން ލީޑު ނެގީ ބްރޫޖްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލާއެކު އެވެ.

ސިޓީގެ ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ސަވީނިއޯ އެވެ.

ގަދަ 16 އިން މިހާތަނަށް ޖާގަ ހޯދި ޓީމުތައް: ލިވަޕޫލް، ބާސެލޯނާ، އާސެނަލް، އިންޓަ މިލާން، އެތްލެޓިކޯ މެޑްރިޑް، ބަޔާ ލެވަކޫސަން، ލިލް، އެސްޓަންވިލާ

ޕްލޭއޮފުން ޖާގަ ހޯދު ޓީމުތައް: އެޓަލާންޓާ، ބްރޫޝިއާ ޑޯޓްމަންޑް، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، އޭސީ މިލާން، ޕީއެސްވީ، ޕީއެސްޖީ، ބެންފީކާ، މޮނާކޯ، ބްރެސްޓް، ފޭނޫޑް، ޔުވެންޓަސް، ސެލްޓިކް، މެންޗެސްޓާ ސިޓީ، ސްޕޯޓިން ލިސްބަން، ކްލަބް ބްރޫޖް