Last Updated: May 6, 09:32
Tuesday, May 6, 2025
ޚަބަރު

އާރްޓީއެލް ޓާމިނަލްތައް ކައުންސިލްތަކާ ހަވާލު ކުރަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ނިޒާމުގެ ދަށުން 40 އަށްވުރެ ގިނަ ރަށުގައި އެމްޓީސީސީ އިން ތަރައްގީކުރި ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރަން އަންގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު މޮޅަދޫގައި ވިދާޅުވީ ފެރީ ޓާމިނަލްތައް އެމްޓީސީސީން ވެސް ހިންގަން ފަށާފައިނުވާ ކަމަށާއި މިހާރު ހުރި ގޮތުން އެ ތަންތަން ވީރާނާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"[އެހެންވެ] މިހާރު އަޅުގަނޑު ވާނީ އެމްޓީސީސީއަށް ދަންނަވާފައި އިއްޔެ ސާޅީސް ހަ ރަށެއްގައި މިހިރަ ފެރީ ޓާމިނަލްތައް އެގޮތަށް ހުރެ ވީރާނާވެގެން ދިއުމުގެ ބަދަލުގައި އެ ތަންތަން ކައުންސިލްތަކާ އެގްރީމެންޓުކޮށް ހަވާލުކުރުމަކީ އެމްޓީސީސީން ކުރިއަށް ގެންދަން ވާނެ ކަމެއް." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މި ޓާމިނަލްތައް ރަށު ކައުންސިލްތަކާ ހަވާލުކުރެވި ހިދުމަތް ދެވެން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އާރްޓީއެލްގެ ދަށުން ފެރީ އާއި ބަހުގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުގެ ތެރޭގަ އެވެ. މި ސަރުކާރުން ބުނެފައި ވަނީ މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް އާރްޓީއެލް ފެރީގެ ހިދުމަތް ފުޅާކުރާނެ ކަމަށެވެ.