ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމު ސްރީ ލަންކާ އިން އުވައިލަން ނިންމައިފި އެވެ.
އެ ގައުމުން މިގޮތަށް ނިންމި އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އަނޫރަ ކުމާރަ ޑިސަނަޔެކެ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ޗީފް އޮފް ޑިފެންސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފައެއް ވެސް ނުވެ އެވެ.
ލަންކާގެ ޑިފެންސް މިނިސްޓްރީގެ ސެކްރެޓަރީ އެއާ ވައިސް މާޝަލް ރިޓަޔާޑް ސަމްޕަތު ތުޔަކޮންތާ ވިދާޅުވީ ޗީފް އޮފް ޑިފެންސް ސްޓާފަކީ އާންމު ގޮތެއްގައ ޑިފެންސް މިނިސްޓްރީން ކުރައްވާ މަސައްކަތްތައް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންވެ މިހާރު އެ މަގާމުގައި ވަކި ބޭފުޅަކު ހުންނެވުން މުހިއްމު ނޫން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމަށް ބޭފުޅަކު ހުންނެވުން ކޮންމެހެން މުހިއްމު ވެއްޖެ ހާލަތެއްގައި މަގާމަށް ބޭފުޅަކު އައްޔަން ކުރާނެ ކަމަށް ސަމްޕަތު ވިދާޅުވި އެވެ.
ލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޖެނެރަލް ޝަވެންދުރަ ސިލްވާ އެވެ. އޭނަ އެ މަގާމުން ރިޓަޔާކުރެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.