ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ހުރިހާ މަޝްރޫޢުއެއް، އަންނަ މަހު އަލުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މަސައްކަތްތައް ހަވާލުކޮށްފައިވާ ގޮތުން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްނުދާ ކަމަށެވެ.
އެގޮތުން އުލިގަމު ދަނޑުގެ މަޝްރޫއު ކުރިއަށްދަނީ ދަނޑަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހަމަނުކޮށް ކަމަށާއި އެއީ ކުރީ ސަރުކާރުން އެ ދަނޑު ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން އެކަމަށް ބަދަލު ގެނެސްފައިވާ ކަމަށާއި، އެގޮތުން ދަނޑު ތަރައްޤިކުރާއިރު ހުރިހާ ވަސީލަތަކާއެކު ފުރިހަމަ ދަނޑެއް ތަރައްޤީކުރާނީ އެއް ކުންފުންޏަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން މިކަންކަން ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރާނަން. އެހެންވީމަ މިކަންކަން ހިނގައިގަންނާނެ. މި ރަށުގައި ސްކޫލުގެ މަސައްކަތްވެސް މި ދެންނެވި ސިޔާސަތުގެ ދަށުން ޓާމިނޭޓްކުރެވި އަލުން ސްޓާޓް ކުރާނަން. ރާއްޖޭގެ ހުރިހާ ރަށެއްގައި މިހެން ހުރިހާ މަޝްރޫއުއެއް ހުއްޓިފައި ހުރީ މިހެންވެފައޭ. ހުރިހާ މަޝްރޫއުތައް ސޯޓްއައުޓްކުރެވި ފެބުރުއަރީ މަހު ހުރިހާ މަޝްރޫއުއެއް ހިނގައިގަންނާނެ،" ރައީސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އުލިގަމުގެ ތަރައްޤީއަށް، ޔޮޓް މެރީނާއެއް ތަރައްޤީކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފެށިގެންދާނޭކަން އިޢުލާންކުރައްވާފަ އެވެ. އަދި، ސްޕޯޓްސް ފިޝިންގއަށް ބޭނުންވާ ބޮއި، ފެބްރުއަރީ މަހު ހަރުކުރެވި، އޭގެ ފައިދާ އުލިގަމު ރައްޔިތުންނަށް ލިބިގެންދާނޭ ކަމަށްވެސް ވިދާޅުވި އެވެ.