ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، ސައުދީގެ ވިޔަފާރިއާ ބެހޭ ވަޒީރު މާޖިދު އަލް ގަސާބީ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މިނިސްޓަރު ހަލީލު ސަޢޫދީ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އެ ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަފައިފަ އެވެ.
މި މަޝްވަރާގައި، ސަޢޫދީއާ އެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގަތެވެ.
ހަލީލުގެ މި ދަތުރުފުޅުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް ސައުދާއި ސައުދީ ސަރުކާރުގެ އެހެން އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހަލީލު ސައުދީއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.