ސްޓެލްކޯގެ މާލޭގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަނިކޮށް އަތުލައިގަތް މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ މާލެ، މާފަންނު، ރޫބީ، ހުސައިން ނިޔާޒް، 36، ކަމަށެވެ.
ފުލުހުން އޭނަ އަތުލައިގަތީ މެންދަމު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅެނިކޮށް ސީސީޓީވީ ކެމެރާއިން ފެނި ސްޓެލްކޯ އިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގެއްލުން ދިނުން ފަދަ މައްސަލަތައް މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުމުން ސްޓެލްކޯ މުވައްޒަފުންތަކަކަށް ހަމަލާދީ މާރާމާރީ ވެސް ހިންގާފައިވެ އެވެ.