ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ސޮއިކުރީ އިންޑިއާގެ ބަތަލާއަކަށް މިހާތަނަށް ލިބޭ އެންމެ ބޮޑު އަގަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ ބަތަލުގެ ރޯލު ކުޅޭ އެކްޝަން އެޑްވެންޗާ ފިލްމަށް ޕްރިޔަންކާ ސޮއިކުރީ 30 ކްރޯޑް ރުޕީސް (3.5 މިލިއަން ޑޮލަރު) އަށް ކަމަށެވެ.
ރަސްމީކޮށް އަދި އިއުލާން ނުކުރާ މި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މި ފިލްމަކީ ފަސް ވަރަކަށް އަހަރު ފަހުން ޕްރިޔަންކާ ކުޅޭ އިންޑިއާގެ ފުރަތަމަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ ބޮލީވުޑް ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ވަރުގަދަ ފިލްމުތައް ގެނެސްދިން ރާޖަމޯލީގެ އާ ފިލްމުގެ ކާސްޓްގައި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.
ޕްރިޔަންކާ އިންޑިއާގެ ފިލްމެއްގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ އިރު، އޭނަ ޝޫޓިން ނިންމާފައިވާ ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝޫޓިން ނިންމާފައިވާ "ހެޑްސް އޮފް ސްޓޭޓް" އާއި "ދަ ބްލަފް" އަދި ވެބް ސީރީޒް "ސިޓަޑެލް" ގެ ދެވަނަ ސީޒަން ހިމެނެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ 2023 ގެ "ލަވް އެގެއިން" އިންނެވެ.