Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

މަސައްކަތް ކުރީ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއެކު

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް - ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކޮށްފައިވާނީ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއެކު ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ފައިސަލް މަގާމުން ވަކިކުރެއްވުމަށްފަހު، ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެވެ. ނަމަވެސް ފައިސަލް ވަކިކުރެއްވި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

ފައިސަލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ރައީސް، ވަޒީރުންގެ މަޖިލީހުގައި ހިމަނުއްވައި، ހިދުމަތްކުރަން އޭނާއަށް ފުރުސަތު ދެއްވިކަމީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

"ޖަނަވަރީ 28، 2025 ގައި މަގާމުން އަޅުގަނޑު ވަކިކުރުމާ ހަމައަށް، އެ މަނިކުފާނުގެ ސަރުކާރުގައި ވޭތުވެދިޔަ މުއްދަތުގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ހިދުމަތްކުރަން އަޅުގަނޑަށް ފުރުސަތު ދެއްވެވި ކަމީ އަޅުގަނޑު އަބަދުވެސް ފަހުރުވެރިވާނެ ކަމެކެވެ. އަދި މާތްﷲ އަށް ޝުކުރުވެރިވާ ކަމެކެވެ. ދިވެހި ގައުމަށާއި ދިވެހިރާއްޖޭގެ ޓޫރިޒަމަށް ހިދުމަތްކުރަން އަޅުގަނޑަށް ފުރުސަތުދެއްވި ކަމަށްޓަކައި އިހުލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރަމެވެ..،" ފައިސަލްގެ ބަޔާނުގައި ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާފައިވާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު، އޭނާގެ ގާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލިކަމެއް ނެތި ކަމަށާއި އެ މަސައްކަތްކުރައްވާފައިވާނީ ދުނިޔޭގެ ފަތުރުވެރިކަމަށް ބަލައިގެން ކަމަށެވެ. އަދި އެ މަސައްކަތްކުރައްވާފައިވާނީ ޓޫރިޒަމް އިންޑަސްޓްރީގެ އަޑު އަހައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ސަރުކާރާއެކު އަޅުގަނޑު ހިދުމަތްކުރި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން އަޅުގަނޑަށް އެއްބާރުލުން ދީފައިވަނީ ނުހަނު ބޮޑަށެވެ. އެ ހުރިހާ ފަރާތަކަށް އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ޝުކުރެވެ..،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދަން ޖެހޭކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިހާރު ދިވެހިން އަޅަންޖެހޭ ފިޔަވަޅުތަކަކީ ރައީސްގެ ސަރުކާރުގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮތް ފިޔަވަޅުތަކެއް ކަމަށާއި އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، އިންވެސްޓުކޮށް ޒުވާނުން ބާރުވެރިވުމާއެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތްމައްޗަށް ގެނައުން ކަމަށެވެ.

ކުޑަ އިންޓަރެސްޓެއްގައި ލޯނު ދިނުމާއި ޓޫރިޒަމް ނެތް ދިމަދިމާއަށް ލުއިތައް ހޯދައިދީ ކަނެކްޓިވިޓީ އިތުރުކުރަން ޖެހޭ ކަމަށާއި ލ. ހުޅިމެންދޫގައި ތަރައްގީކުރަން ނިންމާފައިވާ ޓޫރިޒަމް ޓްރެއިނިން ސްކޫލު އުފެދި ތަރައްގީވާން ޖެހޭ ކަމަށެވެ. އަދި ޒަމާންވެ، ނުހެދި ސިމެންތިއަށް ވެފައިވާ ރަށްތަކުގެ ވެރިންނާ ވާހަކަދައްކައި، މާކެޓަށް ނެރެވޭނެ ގޮތް ހޯދައިދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމަކީ ރާއްޖޭގެ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އިންޑަސްޓްރީއެވެ. އެ އިންޑަސްޓްރީ ފުޅާކޮށް، ޒަމާނީ ކުރުމާއެކު މާކެޓުކޮށް އެކްސްޕްލޯކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދީފައި އޮންނަ ބެޓު 25 މިލިއަނާއި 50 މިލިއަން ޑޮލަރުގެ އަދަދަކަށް ބަދަލުވާން ޖެހެއެވެ. އެކަން ބަދަލުވެ، އެ ބަޖެޓު ބޮޑުވާން ޖެހެއެވެ..،" އޭނާ ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ދިވެހި ގައުމަށް ހިދުމަތްކުރުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއީ ދެކޭ އެންމެ ބޮޑު ހުވަފެން ކަމަށެވެ. އަދި ދިވެހި ގައުމާއި ރާއްޖޭގެ ޓޫރިޒަމަށް ފެހިކަމާއި އާރޯކަން ލިބިލިބި ހުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.