ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ގޮހޮރުގައި ހުރި އެއްޗެހި ވެސް މިފަހަރު އަތުލާނެ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހީމް ފައިސަލް މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރުމުން، އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒާ ދެމެދު އޮތް ގުޅުން ރަނގަޅު ނޫން ކަމަށް އެއްބަސްވެ ވަޑައިގެން، ފައިސަލްގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު ޖެހިފައި އޮތީ ބައި ނޭޅުމުގެ މައްސަލައެއް ކަމަށާއި، މި މައްސަލަ ޝަރީއަތަށް ނުދާނެ ކަމަށެވެ.
"ގަބޫލު ކުރައްވާ، މި ޝަރީއަތަކަށް ނުދާނެ. މި ފަހަރު އަބްދުއްރަހީމާ ފައިސަލްގެ ދަށްގޮހޮރުގައި އޮތް އެއްޗަށް ދަންދެން މުއިއްޒު އަތުލާނެ. ދިރުވާލާފައި ގޮހޮރުގެ އެންމެ އަޑީގައި އޮތް އެއްޗަށް ދަންދެން ހިފައި ނަގާނެ. މިހާރު މުއިއްޒު ހުންނާނީ ޕޮލިހަށް މި މައްސަލަތައް ހުށަހަޅާފައި. މި އުޅެނީ ބައިނޭޅިގެން އުޅޭ މައްސަލަ ނޫންތޯ، ބައިނޭޅިގެން އުޅޭ މައްސަލަ މި އުޅެނީ" ޔާމީން ވިދާޅުވި އެވެެ.
"އެހެންވީމަ މިފަހަރު ކޯޓަކުން ނޫން މި މައްސަލަ ހައްލުވާނީ. ފުލުހުންގެ ތެރެއިން ހައްލުވެފައި، މި ދެންނެވީ ކުޑަ ގޮހޮރުގައި ހުރި އެއްޗިއްސަށް ދަންދަން ގެންނާނެ،"
ފައިސަލް މަގާމުން ވަކިކުރެއްވީ އަބްދުއްރަހީމް މެލޭޝިއާގައި ހުންނަވަނިކޮށެވެ. އަބްދުއްރަހީމް ރާއްޖެ ވަޑައިގެން އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
އަބްދުއްރަހީމް އަކީ ރައީސް މުއިއްޒުގެ އެންމެ އަރިސް އެއް ބޭފުޅެކެވެ.