Last Updated: May 14, 09:29
Wednesday, May 14, 2025
މުނިފޫހިފިލުވުން

'އަންދާޒް 2' ގެ ޓީޒާ ދައްކާލައިފި

މީގެ ދެ އަހަރު ކުރިން އިއުލާންކުރި ބޮލީވުޑްގެ ފިލްމު "އަންދާޒް 2" ގެ ޓީޒާއއް ދައްކާލައިފި އެވެ.

މި ފިލްމަކީ ޕްރިޔަންކާ ޗޯޕްޅާ އާއި އަކްޝޭ ކުމާރުގެ އިތުރުން ލާރާ ދައްތާއާ އެކު ޑައިރެކްޓަރު ސުނީލް ދަރުޝަން ގެނެސްދިން "އަންދާޒް" ގެ ސީކްއެލް އެވެ. ނަމަވެސް ފިލްމުގެ ދެވަނަ ބައި ގެނެސްދެނީ މުޅިމން އާ ކާސްޓަކާ އެކީގަ އެވެ.

މި ފަހަރު ވެސް ސުނިލް ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމުގެ ލީޑް ތަރިންނަކީ ނަތާޝާ ފެނަންޑޭޒާއި އާޔޫޝް ކުމާރުގެ އިތުރުން އަކައިޝާ އެވެ. މީގެ ތެރެއިން ނަތާޝާ އަކީ ސުނީލް އެންމެ ފަހުން ގެނެސްދިން ފިލްމު ކަމަށްވާ 2017 ގެ "އޭކް ހަސީނާ ތީ، އޭކް ދީވާނާ ތާ" ގެ ރޯލެއް ވެސް ކުޅުނު ބަތަލާއެކެވެ.

އާޔޫޝް އަކީ 2022 ގައި ރިލީޒްކުރި އަބީޝެކް ބައްޗަންގެ "ދާސްވީ" ގެ ކުޑަކުޑަ ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ.

"އަންދާޒް 2" ގެ މިއުޒިކް ހަދާފައި ވަނީ އޮރިޖިނަލް ފިލްމުގެ މިއުޒިކްގައި ވެސް ހިއްސާވި ނަދީމެވެ. އަދި ލަވަތަކުގެ ޅެންތައް މި ފަހަރު ވެސް "އަންދާޒް" ގެ ލަވަތައް ވެސް ލިޔުނު ސަމީރު އަންޖާނެވެ.

"އަންދާޒް 2" ގެ ޓީޒާ ދައްކައިލި ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.