Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

ކެތްތެރިކަމުން ހިމާޔަތް ލިބިގަނޭ، ސަވާބު ހިސާބެއް ނެތި ލިބޭނެ

އީމާންކަމާއި، ކެތްތެރިކަމުން ހިމާޔަތް ލިބިގެންފިނަމަ، ދުނިޔެއާއި އާޚިރަތުގައި ދަރުމައާއި ސަވާބު ހިސާބެއް ނެތި ދެއްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ޤަޟާ ޤަދަރަށް އީމާންވުން"، މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބުނީ މާތް الله އެއްވެސް އަޅަކަށް ނުއުފުލޭ ވަރުގެ ތަކުލީފެއް ނުޖައްސަވާ ކަމަށާއި އެކަލާނގެއީ އެންމެ ޢަދުލުވެރި ރަސްކަލާނގެ ކަމަށްވާއިރު، އެކަލާނގެ އެއްވެސް އަޅަކަށް އަނިޔާވެރިވެވޮޑިއެއްނުގަންނަވާނެ ކަމަށެވެ.

"އަހަރެމެންނަށް ދިމާވާ މުޞީބާތްތަކުގައި، އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާ ޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުމެވެ. އީމާންކަމާއި، ކެތްތެރިކަމުން ޙިމާޔަތް ލިބިގެންފި ނަމަ، ދުނިޔެއާއި އާޚިރަތުގައި ދަރުމައާއި، ސަވާބު ހިސާބެއްނެތި ދެއްވައެވެ،" ހުތުބާގައި ބުންޏެވެ.

ޤަޟާ ޤަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށާއި ފިތުނައިގެ ސަބަބުން އެ ފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ވެސް ނުދާނެ ކަމަށާއި ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ ޢިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިޤާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާކަށް ނުޖެހޭނެ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ޤަޟާ ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުން ކަމަށާއި އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިންކާރުކޮށްފި މީހާ އީމާންވި ކަމުގައި ނުވާނެ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.