Last Updated: July 25, 13:53
Saturday, July 25, 2026
ޚަބަރު

ފައިސަލް ވަކިކުރިޔަސް ހަމްދަރުދީއެއް ނެތް

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކުރިޔަސް ހަމްދަރުދީއެއް ނެތް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން، އިބްރާހީމް ފައިސަލް މިދިޔަ އަންގާރަ ދުވަހު މަގާމުން ވަނީ ވަކިކޮށްފަ އެވެ. ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަމުން ޔާމީން ވިދާޅުވީ ކޮންމެ ބަޔަކުވެސް ކުރާ ކަންކަމުގައި އަޖަލު އެމީހަކާ ބައްދަލުކުރާނެ ކަމަށާއި މިހާރު އުޅެނީ "ބައި އެޅުމުގެ މައްސަލައެއް" ކަމަށެވެ.

"އަޅުގަނޑުގެ ހަމްދަރުދީއެއް ފައިސަލް ވަކިވުމަކުން، އަބްދުއްރަހީމް ގޭގައި އިނުމަކުން އަޅުގަނޑުގެ ހަމްދަރުދީއެއް ނެތް. އެއީ ކޮންމެ ބަޔަކުވެސް ކުރާ ކަންކަމުގައި އަޖަލު އެމީހަކާ ބައްދަލުކުރާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދުގެ މައްސަލަ ވެސް ނުބެލޭނެ ކަމަށާއި ފުލުހުން ތަހުގީގުކުރަން ފެށުމުން އެ ބޭފުޅުންގެ ފަރާތުން ދައްކާނެ ވާހަކަތައް ހުންނާނެ ކަމަށެވެ.

"މުއާޒް ރަޝީދު އެ އޮތީ އެ ވާހަކަ ބުނެފަ. އެހެންވީމާ އެކަމެއް ނެތް ވާކަށް،" ޔާމީން ވިދާޅުވި އެވެ.

ފައިސަލް މަގާމުން ވަކިކުރެއްވީ އަބްދުއްރަހީމް މެލޭޝިއާގައި ހުންނަވަނިކޮށެވެ. އަބްދުއްރަހީމް ރާއްޖެ ވަޑައިގެން އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އަބްދުއްރަހީމް އަކީ ރައީސް މުއިއްޒުގެ އެންމެ އަރިސް އެއް ބޭފުޅެކެވެ.