Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

ސިނގިރޭޓް އުފައްދާ ތަނުން 103 ފޮށިގަނޑު އަތުލައިގެންފި

މާލޭގައި ސިނގިރޭޓް އުފައްދައި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ތަނަކަށް އަމާޒުކޮށް ފުލުހުން ރޭ ހިންގި އޮޕަރޭޝަނުގައި އެތަނުން ބައެއް ސާމާނު ގެންގޮސްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ބަލައި ފާސްކޮށްފައިވަނީ ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެކެވެ. އެތަން ބަލައި ފާސްކުރީ ސިނގިރޭޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

ފުލުހުން ބުނީ ރޭ ހިންގި ސިނގިރޭޓް އޮޕަރޭޝަނުގައި 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށެވެ. މީގެތެރޭގައި ދުންފަތް ހުރި ފޮށި ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް މިދިޔަ ނޮވެމްބަރު މަހު ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފަ އެވެ.