Last Updated: February 18, 21:05
Tuesday, February 18, 2025
ރިޕޯޓް

ދަރިފުޅު މިސްކިތަށް ލޯބި ޖެއްސިދާނެ ގޮތްތަކެއް

ދަރިފުޅު މިސްކިތަށް ލޯބި ޖެއްސުމަށްޓަކައި ފަރުޟު ނަމާދަށް އެކުދިން ގޮވައިގެން ދިއުމުގެ އިތުރުން އިތުރު އެހެން ހަރަކާތްތައް ވެސް ކުރިއަށް ގެންދެވިދާނެ އެވެ.

މިސާލަކަށް؛ ދުވަހެއް ކަނޑައަޅާށެވެ. އަދި އެ ދުވަހު އެއްގަޑިއިރު ބައްޕައާއެކު މިސްކިތުގައި ހޭދަކުރަން ޖެހޭނެ ކަމުގައި ބުނާށެވެ.

މިސްކިތުގައި ހޭދަ ކުރާ ވަގުތުގައި ކުރެވިދާނެ ކަންކަން:

* ޤުރްއާނުން އެއް ޞަފްޙާ ހިތުދަސްކުރުން
* ކުރު 3 ޙަދީޘް ހިތުދަސްކުރުން
* ދުޢާ ކުރުން
* އިސްތިޣްފާރުކުރުން
* ކުޑަ ނަސޭޙަތެއް ދިނުން
* ރިވެތި އަޚްލާޤީ ސިފައެއް ދަސްކޮށްދިނުން
* ﷲ އިސްމުފުޅެއް މާނައާއެކު ދަސްކުރުން

މިކަންކަން ބައްޕަ ވެސް ކުރަންވާނެ އެވެ.

ޓާސްކްތައް ފުރިހަމަކޮށްފި ނަމަ ހަދިޔާއެއް ދެވިދާނެ އެވެ.

ބޭނުން ނަމަ އެއް ދުވަހަށް ވުރެ ގިނައިން ވެސް ކުރެވިދާނެ އެވެ. އެކަމަކު އެ ކުދިން ފޫހިވާ ވަރު ނުކުރައްޗެވެ. މިއީ ރަށްރަށުގައި އިސްލާމް މުދައްރިސުންނަށް ވެސް ހިންގިދާނެ ހަރަކާތެކެވެ.

ޢަރުޝީގެ ހިޔާވަހިކަން ލިބޭ މީހުން ބަޔާންކޮށްދެއްވަމުން ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި އެވެ.

[وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ]

“އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ (އަށް ވެސް ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ އެވެ.)

ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.