ގިނަ އަދަދެއްގެ ބަޔަކާ އެކު އިދިކޮޅު އެމްޑީޕީގެ ބޮޑު ހިނގާލުން ފަށައިފި އެވެ.
އެމްޑީޕީގެ ހިނގާލުން ފެށީ މިރޭ 8:30 ހާއިރު "ފުދިއްޖެ ފުނޑިއްޖެ" ނަމުގަ އެވެ. މި ހިނގާލުން މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހިނގާލުމުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވާއިރު، މިއީ ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބާއްވާ ހިނގާލުމެކެވެ. މި ހިނގާލުމުގައި ބައިވެރިވާ އާންމުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ.
Heading West. #FudhijjeFundijje pic.twitter.com/eJyLSRLvOY
— MDP Secretariat (@MDPSecretariat) January 31, 2025
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ވަނީ ގާނޫނު އަސާސީ އަށް ކުއްލި އިސްލާހުތަކެއް ގެނެސްފަ އެވެ.
އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.
އެމްޑީޕީން މީގެކުރިން ވަނީ "ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި މާލޭގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާފަ އެވެ.