މި ސަރުކާރު ބަދަލުވަންދެން ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ ގިނަ އަދަދެއްގެ ބަޔަކާއެކު މާލޭގައި "ފުދިއްޖެ ފުނޑިއްޖެ" ނަމުގައި ބޭއްވި ހިނގާލުން ނިންމާލުމުގެ ގޮތުން ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ ސަރުކާރު ބަދަލުކުރުމުގެ އިތުރަށް ރައްޔިތުންގެ ހައްގުތައް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމަށް ކަމަށެވެ.
"މި ސިލްސިލާ މުޒާހަރާތަކެއްގެ ގޮތުގައި، މި ސަރުކާރު ބަދަލުވަންދެން ނޫނިއްޔާ މި ސަރުކާރު ހަމަ މަގަށް އެޅުވެންދެން މި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މިރޭ ރައްޔިތުން ތިބި ގޮތް ވަރަށް ސާފުކޮށް ފެނިއްޖެ ކަމަށާއި މިރޭ އެމްޑީޕީއަށް ލިބުނު މެސެޖަކީ މި ސަރުކާރު ބަދަލުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ނިކުންނަންޖެހޭކަން ކަމަށެވެ.
"ރައްޔިތުން ވަރުބަލިއްޖެ، ރައްޔިތުން ހަލާކުވެއްޖެ. ޕީޕީއެމް/ޕީއެންސީގެ މި ފިކުރާއި އަބަދުމެ އަޅުގަނޑުމެން މިޖެހެނީ ތަޅަން އަނިޔާވެރިކަމުން ސަލާމަތްވުމަށް. ގާނޫނު އަސާސީން އެބަޖެހޭ ކަށަވަރު ކުރަން މި ނޫން ގޮތެއް،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީން މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބޭއްވި، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ކުއްލި ގޮތަކަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާއި ގުޅިގެންނެވެ.
މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކުގެ ގެތެރޭގައި ހިމެނެނީ ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.
އެމްޑީޕީން މީގެކުރިން ވަނީ "ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި މާލޭގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާފަ އެވެ.